logo
banner image
ޞިއްޙީ ވުޒާރާ

އައިޖީއެމްއެޗްގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް ރައީސް ހުޅުވައިދެއްވައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އަލަށް ގާއިމްކޮށްފައިވާ މަލްޓި-ސްޕެޝަލިސްޓް ސާޖިކަލް ވިންގް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި ވިންގް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އައިޖީއެމްއެޗްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ލެބޯޓަރީއާ ޖެހިގެން ތަރައްގީކޮށްފައިވާ މި ވިންގްގައި 75 އެނދުގެ ޖާގަ ހިމެނެއެވެ. މިއީ ސަރުކާރުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

އައިޖީއެމްއެޗްޗްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަލަށް ހުޅުވުނު މަލްޓި-ސްޕެޝަލިސްޓް ސާޖިކަލް ވިންގްއާއެކު ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި މަސައްކަތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހާއްސަ އޮޕަރޭޝަންތަކުގެ ތަފާތު ދާއިރާތައް ހިމެނޭ ގޮތަށް ޚިދުމަތް ދިނުމަށްޓަކައި މަލްޓި-ސްޕެޝަލިސްޓް ސާޖިކަލް ވިންގެއް ހުޅުވިގެން ދިއުމަކީ ސާޖަރީ ދާއިރާއިން ސިއްޙީ ދާއިރާއަށް އަންނާނެ އިންގިލާބީ ބަދަލެއް ކަމަށް އައިޖީއެމްއެޗްއިން ފާހަގަކުރައްވާފައިވެއެވެ.

މި އަލަށް ހުޅުވުނު ވިންގްގައި ޖެނެރަލް ވޯޑުގެ ގޮތުގައި 44 އެނދު، ހައިޑިޕެންޑެންސީ ޔުނިޓްގެ ގޮތުގައި 15 އެނދު، އަދި ޕްރައިވެޓް ރޫމްގެ ގޮތުގައި 14 ކޮޓަރި ހިމެނެއެވެ. މީގެ އިތުރުން، ފުރަތަމަ ފަހަރަށް އައިޖީއެމްއެޗްގައި ބާން ޔުނިޓެއްގެ ގޮތުގައި ދެ އެނދު ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.