ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި 234 ޙައްޖުވެރިން ފުރައިފި
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރައިފިއެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ 15.14 ހާއިރު ސަޢުދީ އެއަރލައިނުންނެވެ. މިފްލައިޓުގައި 234 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން 20:49 ހާއިރުއެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.
ސަރުކާރުން ވަނީ މާލެއިން 3 ރޫޓަކުން އަދި ހުޅުމާލެއިން 2 ރޫޓަކުން ބަސްދަތުރު ވަނީ ހަމަޖައްސާފައެވެ. ބަސް ދަތުރުތައް ފެށީ ހެނދުނު 10:30 ގައެވެ.
މިއަދު ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވާއިރު އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ. ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.