logo
banner image

މިއީ ދިވެހި ޙައްޖުވެރިންނަށް ތާރީޚީ އުފާވެރި ދުވަހެއްކަމުގައި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ

މިއަދަކީ ދިވެހި ޙައްޖުވެރިންނަށް ތާރީޚީ އުފާވެރި ދުވަހެއްކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނެއްވެވީތީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާކަމަށާއި މިކަމުގެ ސަބަބުން ދިވެހި ޙައްޖުވެރިންގެ ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ، މިކަމުން އެނގިގެން ދަނީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ދުވަސްވީ ގާތް ގުޅުންކަމަށާއި މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ޙައްޖުވެރިންނަށް ހަމަަޖައްސައިދެއްވާފައިވާ އިންތިޒާމުތަކަކީ ވަރަށް ފުރިހަމަ އިންތިޒާމްތަކެއްކަމަށާއި މި އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ސަޢުދީ ޢަރަބިއްޔާ ޙައްޖު މިނިސްޓްރީއަށާއި، މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުންނަށާއި ސަޢުދީ ޢަރަބިއްޔާ އިންޓީރިއާ މިނިސްޓްރީއަށް އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށާއި ޙައްޖު ވެރިންގެ ޚިދުމަތުގައި މިހާރުވެސް ދިވެހި ޙައްޖު މިޝަނުން ސަޢުދީގައި ޙަރަކާތްތެރިވެލައްވަމުން ގެންދަވާކަމަށާއި ދިވެހި ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ފުރަތަމަ ފަހަރަށް ދިވެހި ޙައްޖުވެރިންނަށް ޚާއްްސަ ކްލިނިކެއްވެސް މިހާރު ޤާއިމުކުރެެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަޖުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސައުދީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަކީ މުޅި އިސްލާމީ އުއްމަތަށް ސަޢުދީ ޢަރަބިއްޔާއިން ދެއްވަމުން ގެންދަވާ ފުރިހަމަ ޚިދުމަތެއްކަމަށެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް މިއަދު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.