logo
banner image

ސީބީއައިޓީ މޯލްޑިވްސް މަޝްރޫޢުގެ ދަށުން ބޭއްވުނު ޕަވަރ ބީއައި ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފި

ސީބީއައިޓީ މޯލްޑިވްސް މަޝްރޫޢުގެ ދަށުން މޫސުމާއި ހަކަތައިގެ ތަފާސްހިސާބު ވިޝުއަލައިޒް ކުރުމަށް ބޭނުންކުރާ ޕަވަރ ބީއައި ސޮފްޓްވެއަރއަށް އަހުލުވެރި ކުރުމަށް ބޭއްވުނު ތަމްރީނު ޕްރޮގްރާމް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ތަމްރީނުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުން ޖުމްލަ 32 ބައިވެރިން ބައިވެރިވިއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް މިމްރާހެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ މިމްރާހް ވިދާޅުވީ މި ފަދަ ތަމްރީނު ޕްރޮގްރާމްތަކަކީ ރާއްޖޭގެ މޫސުމާއި ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު އިތުރުކޮށް، އެ ދާއިރާތަކުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައެވެ.

ޕަވަރ ބީއައި އަކީ މައިކްރޯސޮފްޓުން ތައްޔާރުކޮށްފައިވާ، ޑޭޓާ އެނަލިސިސް އަދި ވިޝުއަލައިޒޭޝަން ޓޫލެކެވެ. މި ސޮފްޓްވެއަރ ބޭނުންކޮށްގެން މޫސުމާއި ހަކަތައިގެ ތަފާސްހިސާބުތައް ފަސޭހައިން ދެނެގަނެ، އެ މަޢުލޫމާތު ހިއްސާކުރުމަށް ފަސޭހަވާނެ ގޮތަށް ތައްޔާރުކުރެވޭނެއެވެ.

ސީބީއައިޓީ މޯލްޑިވްސް މަޝްރޫޢަކީ ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ބޭނުންކޮށްގެން ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިކުރުމަށް ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މިފަދަ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ބެލެވެއެވެ.