މޯލްޑިވްސް އެކްސްޕޯ 2025: މަސީގެ މަމްދޫބުން ޒިޔާރަތްކޮށްފި
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޯރ ކޮންސްޓަރަކްޝަން އިންޑަސްޓްރީސް (މަސީ) ގެ މަމްދޫބުން ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަށް ޒިޔާރަތްކޮށްފިއެވެ.
މިޒިޔާރަތުގައި އިމާރާތްކުރުމުގެ ސިނާޢަތް ތަމްސީލުކުރާ ޤައުމީ ޖަމްޢިއްޔާ (މަސީ) ގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް އާއި މަސީގެ އެގްޒެކެޓިވް ބޯޑު މެންބަރު އައިޝާ ނޫރްއައިން ޖަނާހް ބައިވެރިވެވަޑައިގެންނެވިއެވެ. މައުރަޒުގެ އުފެއްދުންތައް ބައްލަވާ ލެއްވުމަށް ފަހު އަދުނާން ހަލީމް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތިން މިފަދަ ބޮޑު މައުރަޒެއް ކުރިއަށް ގެންދިއުމުން އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މައުރަޒުގެ ތެރެއިން އިހުގެ ދިވެހީންގެ ހުރި އުފެއްދުންތެރިކަމާއި ހުނަރުވެރިކަން މިއަދުވެސް ފެންނަމުންދާ ކަމަށެވެ. މިހުނަރުވެރިކަން ބޭރު ޤައުމުތަކަށް ގެންދިއުމަށް ފަތުރުވެރިންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދޭނެ މާހައުލެއް މީގެކުރިން ނެތަސް، މިމައުރަޒުގެ ތެރެއިން ޒުވާނުންނާއި އަންހެނުންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާކަމަށް މަސީގެ އެގްޒެކެޓިވް ބޯޑު މެންބަރު އައިޝާ ނޫރްއައިން ޖަނާހް ފާހަގަކުރެއްވިއެވެ.
މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަށް ބާރުއަޅައި، ދިވެހިންގެ ހުނަރުވެރި އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ބާއްވާ މި މަޢުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކްގައި މިމަހު 23 އިން 31 އަށް ބާއްވާ މަޢުރަޒެކެވެ.
އާންމުންނަށް ކޮންމެދުވަހަކު ހަވީރު 16:00 އިން 23:00 އަށް ކުރިޔަށްގެންދާ މި މަޢުރަޒު އިންތިޒާމްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރި އާއި ބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.