ވަޒީރު އަޙްމަދު ޝިޔާމް ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއި ބައްދަލުކުރައްވައިފި
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް، ޒަމާނީ ޓެކްނޮލޮޖީއާއި ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއާ މަޝްވަރާކުރައްވައިފިއެވެއެވެ.
މި ބައްދަލުވުމުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވިފައިވަނީ ޒަމާނީ ޓެކްނޮލޮޖީއާއި ޤާބިލުކަން އިތުރުކުރުމުގެ ދާއިރާތަކަށް އިންވެސްޓްމަންޓް އިތުރުކުރުމަށެވެ. ސަފީރު ކޮންގް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް އެހީތެރިވުމަށް ޗައިނާ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ސަފީރުކަމުގެ ދައުރުގައި މަސްވެރިކަމުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ވިޔަފާރި ގުޅުން ހަރުދަނާކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރުމުގެ މުހިންމުކަން ސަފީރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ޗައިނާގެ ބާޒާރުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ފެންނަން ހުރުމާއި އެ އުފެއްދުންތައް ލިބޭނެ މަގު ތަނަވަސްކުރުމަށް އިސްކަންދެއްވާފައިވެއެވެ.
މިނިސްޓަރު ޝިޔާމް ވަނީ، ސަފީރު ކޮންގްގެ ޤާބިލު ލީޑަރޝިޕްގެ ދަށުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަޤީންކަން ފާޅުކުރައްވާފައެވެ.