logo
banner image

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ "ދަ ޕްރޮޖެކްޓް ފޯ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ" ގެ ފަހު ސެމިނާ ބާއްވައިފި.

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ "ދަ ޕްރޮޖެކްޓް ފޯ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ" ގެ ފަހު ސެމިނާ މީރުމާ ހޮޓަލުގައި ބާއްވައިފިއެވެ.

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގި މި މަޝްރޫޢުގެ ނިންމުމުގެ ގޮތުން ބޭއްވުނު މި ސެމިނާގައި، މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށް، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ފައިދާތައް ފާހަގަކުރެވުނެވެ.

މި ސެމިނާ ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.

ސެމިނާގައި ޖައިކާގެ އޮފިޝަލުންނާއި، މިނިސްޓްރީގެ އިސްވެރިންނާއި، މަޝްރޫޢުގައި އެކި ފަންތީގައި ބައިވެރިވި ފަރާތްތަކުން ބައިވެރިވިއެވެ. މި ފަރާތްތަކުން މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކޮށް، ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި "ބްލޫ އިކޮނޮމީ" ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގުނު މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދިޔަކަމަށް ބައިވެރިން ފާހަގަކުރިއެވެ.